ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހާއި ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އަދި އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަޙްމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސަޢުދު، ހަނގުރާމައަކަށްފަހު އެ ޤައުމު އެއްބައިކުރި ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 23 ވަނަ ދުވަހުއެވެ.









