ސްރީ ލަންކާގެ އަލަށް އިންތިޚާބުވި ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ. ރައީސް މުއިއްޒު މި މަރުހަބާ ދެންނެވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވެފައިވަނީ، "ގާތް އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ތިޔަ ބޭފުޅާއެކު ރާއްޖެ އާއި ލަންކާ އާ ދެމެދު އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިވަން" ކަމަށެވެ.
އިއްޔެ ބޭއްވުނު ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 38 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރެއިން އެންމެ ވާދަވެރި ތިން ކެންޑިޑޭޓުންނަކީ އަނޫރާ ކުމާރަ ޑިސެނަޔަކަ، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަދި ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހައެވެ.
އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބުމާ ގުޅިގެން، އިންތިޚާބު ދެވަނަ ބުރަކަށް ގޮސް، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ޕްރިފަރެންސް ވޯޓު ގުނުނެވެ. މިއީ ސްރީ ލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރިފަރެންސް ވޯޓު ގުނުނު އިންތިޚާބެވެ.
ސްރީ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އަނޫރާ ކުމާރަ ޑިސެނަޔަކަ ރައީސްކަމަށް އިންތިޚާބުވެފައިވާކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. މިއާއެކު އޭނާ ވެގެންދާނީ ސްރީ ލަންކާގެ 9 ވަނަ ރައީސަށެވެ.









