ފައިނޭންޝަލް ފެއާ ޕްލޭގެ ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މެންޗެސްޓާ ސިޓީގެ މެނޭޖަރު ، އެކްލަބް ފޮހެލަން އުޅޭ ކަމަށް ބުނެފި އެވެ.
މާލީ ގޮތުން ގަވާއިދާ ހިލާފުވުމުގެ އަޑުއެހުންތަކެއް ކުރިމަތިވެފައިވާއިރު، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ގިނަ ބަޔަކު ބޭނުންވަނީ ކްލަބުގެ ނަން ފޮހެލާށެވެ. އަބޫދާބީ ޔުނައިޓެޑް ގްރޫޕްގެ މިލްކުވެރިކަމުގައި 2009 އާއި 2018 އާ ދެމެދު ގަވާއިދުތަކާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ ސިޓީގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ރެލިގޭޝަން ނުވަތަ ޕޮއިންޓް އުނިކުރުމުގެ ފުރުސަތު އޮވެ އެވެ. އެ ކުލަބާ ދެކޮޅަށް ކުރާ ދައުވާގައި ސިޓީން އެ ހުރިހާ ތުހުމަތެއް ދޮގުކުރެ އެވެ.
ހަތަރު އަހަރު ދުވަހުގެ ތަހުގީގަށް ފަހު މިނިވަން ކޮމިޝަނަކުން އަޑުއެހުންތައް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ހުކުމް ނިންމާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބެލެވެ އެވެ. އެކަމުގެ ސަބަބުން ލިބިދާނެ އަދަބަކީ އިނގިރޭސި ފުޓްބޯޅައިގައި މީގެ ކުރިން ލިބިފައި ނުވާ އަދަބެކެވެ.








