އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޖޭ އެމަނުއެލް-ތޯމަސް، 33، 60 ކިލޯ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.
އިއްޔެ އެގައުމުގެ ފުލުހުން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާ ހަބަރުތައް ބުނާ ގޮތުގައި ގްރީނޮކް މޯޓަންގެ ކުޅުންތެރިޔާ ހައްޔަރުކޮށްފައިވަނީ ނޭޝަނަލް ކްރައިމް އެޖެންސީ (އެންސީއޭ)ގެ އޮފިސަރުން ބުދަ ދުވަހު ގްލާސްގޯ ކައިރީގައި އޮންނަ ގޯރޮކް އިންނެވެ.
އާސެނަލް އަދި އިޕްސްވިޗް ޓައުންގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ އިމަނުއެލް ތޯމަސްގެ މައްޗަށް ތުހުމަތު ކުރެވެނީ ބީ ކްލާސް މަސްތުވާތަކެތި އެތެރެކުރުމުގައި ދައުރެއް އަދާކުރާ ކަމަށެވެ. އެންސީއޭ އިން ބުނީ ބޯޑަރު ފޯސްގެ އޮފިސަރުން ވަނީ އިނގިރޭސިވިލާތުގެ އިރުދެކުނު ސްޓެންސްޓެޑް އެއާޕޯޓުން ދެ ސޫޓްކޭސްއެއްގައި ފޮރުވާފައި ހުރި 60 ކިލޯގެ ކެނަބިސް އަތުލައިގެންފަ އެވެ. މި ސޫޓްކޭސްތައް އައިސްފައިވަނީ މިމަހުގެ ކުރީކޮޅު ބެންކޮކުންނެވެ.
މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެމަނުއެލް-ތޯމަސް އިނގިރޭސިވިލާތުގެ އުތުރުގެ ކާލައިލްގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުވާނެ ކަމަށް ބެލެވެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އޮޕަރޭޝަންގައި އޭނާ ބައިވެރިވި މިންވަރު ފުރިހަމައަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެގައުމުގެ ގާނޫނު ބުނާ ގޮތުންނަމަ މިއީ 14 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެ ކަމެކެވެ.
ގްރީނޮކް މޯޓަންގެ ތަރުޖަމާނަކު ވަނީ މިހާރު ކުރިއަށްދާ ތަހުގީގާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައި ކަމަށް ހަބަރުތައް ބުނެއެވެ.









