ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު ފަތުރައި މަޢުލޫމާތު ފޯރުކޮށް ދިނުމަށް ޓަކައި، ކުރިއަށް ގެންދާ "ރިސާލަތު"ގެ 623 ޕްރޮގްރާމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާތަނަށް ކުރިއަށް ގެންގޮސްފިއެވެ.
މީގެ ތެރޭގައި މަދަރުސާ ކުދީންނަށް ޚާއްޞަކޮށްގެން ހިންގި 162 ޕްރޮގްރާމަކާއި، މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި 48 ޕްރޮގްރާމެއް ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ޚާއްޞަ 71 ޕްރޮގްރާމަކާއި މިސްކިތްތަކުގައި ހިންގި 53 ޕްރޮގްރާމަކާއި ޒުވާނުންނަށް ޚާއްސަކޮށްގެން 24 ޕްރޮގްރާމެއް ހިންގާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި 81 މުއައްސަސާއަކާއި ޔުނިވަރސިޓީތަކުގައި ތިން ޕްރޮގްރާމެއް ވެސް ހިންގާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން ޖަލުތަކުގައި 7 ޕްރޮގްރާމަކާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް 18 ޕްރޮގްރާމަކާއި، އަދި ވީޑިއޯ ދަރުސް މެދުވެރިކޮށް 63 ޕްރޮގްރާމެއް ވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
"ރިސާލަތު" ޕްރޮގްރާމްގެ ދަށުން ދިވެހިބަހުގެ އިތުރަށް އިނގިރޭސި ބަހުން ވެސް ދީނީ ޢިލްމުވެރިންގެ ނަޞޭޙަތްދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރީންނެވެ.









