ނޭޕާލްގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ދެ ޤައުމުގެ ގުޅުމަކީ އިޙްތިރާމާއި ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ފާހަގަކުރައްވާފއިވެއެވެ.
މީގެއިތުރުން، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން ދެ ޤައުމަށް ލާބައާއި މަންފާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ނޭޕާލްގެ ޤާނޫނުއަސާސީ ދުވަސް ފާހަގަކުރަނީ 20 ސެޕްޓެންބަރު 2015 ގައި އެ ޤައުމުގެ އައު ޤާނޫނުއަސާސީ ތަންފީޒުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. މި ދުވަހަކީ ނޭޕާލްގެ ޑިމޮކްރަސީގެ ތާރީޚުގައި މުހިންމު ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.









