އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ނިންމެވިކަން ޢިއުލާނުކުރައްވާ ކަމަށާއި، މިއީ އެމަނިކުފާނު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ތަޤުރީރު ކުރައްވާނެ ކަމަށާއި އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޚާއްސަ އޯޕަން ޑިބޭޓެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރަކަން ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަރ ފިއުޗަރ" ގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ދަތުރުފުޅާ ބެހޭ މަޢުލޫމާތުތައް މީޑިއާތަކަށް އަދި ރައްޔިތުންނަށްވެސް ހާމަކުރަމުން ގެންދަވާނެ ކަމަށެވެ.









