އަންނަ ނޮވެމްބަރު މަހުން ފެށިގެން، ދިވެހިރާއްޖެ ހިމެނޭހެން އެހެން ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދުމަށްފަހު ކަމަށް ބުނެފިއެވެ.
އިގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވާޢިދަށް މުހިންމު ބަދަލުތަކެއް ގެނެސްފިއވާއިރު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އިން މިއަދު ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ.
އިނގިރޭސި ސަރުކާރުން ހިއްސާކުރި މަޢުލޫމާތާ ހަވާލާދީ، ފޮރިން މިނިސްޓްރީން ބުނީ މި ބަދަލުގެ މައިގަނޑު ބޭނުމަކީ އެ ޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކުރުމާއި، އިމިގްރޭޝަން ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި، އެ ޤައުމަށް ވަނުމުގެ ކުރިން ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުން ކަމަށެވެ.
އާ ޤަވާޢިދުގެ ދަށުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 އިން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ މީހުންނަށް އީޓީއޭއަށް އެދެވޭނެއެވެ. އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައެވެ.
އީޓީއޭގެ އަގަކީ 10 ޕައުންޑެވެ. މި ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި ހުއްދައިގެ ދަށުން، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސްދުވަހަށް ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުތައް ކުރެވޭނެއެވެ.
އަދި 2025 ވަނަ އަހަރުގެ އޭޕްރީލް 2 އިން ފެށިގެން، އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި އެހެން ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް ވެސް އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައެވެ.
މި ބަދަލުތަކާ ގުޅިގެން، ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އެ ޤައުމުގެ އިމިގްރޭޝަން ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.









