ކުންފުނިތަކުގެ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާޙެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި އިސްލާޙަކީ ދައުރުން ބޭރުން އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަަޖިލީހުގެ 3 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާޙެކެވެ.
މި އިސްލާޙުގެ މައިގަނޑު ބަދަލަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ޢައްޔަންކުރުމުގެ މުއްދަތު ކުރުކުރުމެވެ. މީގެ ކުރިން 30 ދުވަހުގެ މުއްދަތެއް އޮތް ތަން، މިހާރު ވަނީ 10 ދުވަހަށް ކުރުކޮށްފައެވެ. އެހެންކަމުން، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް ކުންފުންޏެއްގައި ޑިރެކްޓަރުން ނެތިގެން، ޑިރެކްޓަރުން ޢައްޔަންކުރުމަށް ރަޖިސްޓްރާ އަންގާތާ 10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަންކުރަންޖެހޭނެއެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ޚާއްސަ ޢާއްމު ޖަލްސާ ބޭއްވުމާ ގުޅޭ ގޮތުންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާގެ ދަޢުވަތު ދިނުމަށް އޮތް މުއްދަތު 3 ދުވަހަށް ކުޑަކޮށްފައިވެއެވެ. އަދި ޖަލްސާ ބޭއްވުމަށް އަންގާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޚާއްސަ ޢާއްމު ޖަލްސާ ބޭއްވުމަށް ނޯޓިސް ފޮނުވަންޖެހޭ މުއްދަތަށްވެސް ބަދަލު ގެނެސްފައިވެއެވެއެވެ. ޕްރައިވެޓް އަދި ޕަބްލިކް ކުންފުނިތަކުން ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން 14 ދުވަސްކުރިން އެންގުމަށް އޮތް އޮތުން ބަދަލުކޮށް 7 ދުވަހުގެ ނޯޓިސް މުއްދަތަށް ކުޑަކޮށްފައިވެއެވެ.
ކުންފުނީގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.









