މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ އެކްސިޑެންޓުތަކާއި މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް މީހަކު ހަދާފައިވާ އެނިމޭޝަން ވީޑިއޯއެއް ހިއްސާކުރައްވަމުން ރައީސް ކުރެއްވި ޓްވީޓެއްގައެވެ.
ފަހަކަށް އައިސް ރާއްޖޭގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަމުން އަންނާތީ ރައީސް ގެންދަވަނީ އެކަންތައް ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން ރައީސް ވިދާޅުވެފައިވަނީ "ކޮންމެ ފުރާނައަކީ ވެސް ބޭނުންތެރި އަދި އަގުހުރި އެއްޗެއް" ކަމަށާއި "ރާއްޖޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ" ކަމަށެވެ.

ރައީސް ހިއްސާކުރެއްވި ވީޑިއޯއިން ފެނިގެންދަނީ މިހާރު ރާއްޖޭގެ މަގުތަކުގެ ހާލަތެވެ. ޓްރެފިކަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ދިމާވާ ހިތްދަތި ހާދިސާއެއް ދައްކުވައދޭ ވީޑިއޯއެކެވެ.
އެ އެނިމޭޝަން ވީޑިއޯގައި ދައްކުވައިދެނީ އާއިލާއެއްގެ ހަމައެކަނި ދަރިފުޅު ދެކެ މައިންބަފައިން ވާ ލޯތްބާއި، އެ ދަރިފުޅުގެ އުފަލަށް ޓަކައި މައިންބަފައިން ވާ ޤުރުބާނީއެވެ. އެހެންނަމަވެސް، މައިންބަފައިން ވަމުންދާ ޤުރުބާނީއަށް އެންމެ ފަހަރަކު ވެސް ވިސްނާލުމެއް ނެތި ދަރިން އުޅެމުންދާ ގޮތެވެ.
ވީޑިއޯގައި ދައްކާ ހިތާމަވެރި ހާދިސާގައި، އެހެން އުޅަނދުތަކަށް ބެލުމެއްނެތި ބާރު ސްޕީޑުގައި ދަރިފުޅު ކާރު ދުއްވަނިކޮށް އޭނާގެ ކާރުން ޖެހި އެކްސިޑެންޓު ވަނީ އަމިއްލަ ބައްޕައެވެ. އަދި އެ އެކްސިޑެންޓުގައި ބައްޕަ މަރުވެއެވެ.
"ކޮންމެ ފުރާނައަކީ ވެސް އަގުހުރި އެއްޗެއް ބަލައިގެން ދުއްވާ! މަގުތައް އަޅުގަނޑުމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކޮށްލަމާ ހިނގާ! އަޅުގަނޑުމެން ގޯސްކޮށް ކުރާ ކަންތައްތައް އަމިއްލަ އަތުން ރަނގަޅު ކުރުމުގެ ދެވަނަ ފުރުސަތެއް ފަހަރެއްގައި ނުލިބިދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި މެސެޖަކީ، ދުއްވާ އެއްޗެހި ދުއްވަން ވާނީ އެހެން މީހުންނަށާއި އެހެން އުޅަނދުތަކަށް ބަލައިގެން ރައްކާތެރިކަމާއެކީ ޓްރެފިކަށް ބަލައިގެން ކަމަށެވެ. އަދި މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރާއި ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކުރުމަށް ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލާފައެވެ.









