މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން "އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އޮން އޭވިއޭޝަން" ގެ ނަމުގައި ފޯރަމެއް މިއަދު ބާއްވައިފިއެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ހޯލުގައި މި ފޯރަމް ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ.
މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް ޑރ. އަލީ ޝަރީފެވެ. ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް ވާހަކަފުޅު ދައްކަވަމުން، އޭވިއޭޝަން ދާއިރާއިން އޯޒޯން ލޭޔަރަށް ލިބޭ ގެއްލުންތަކާއި އެކަން އިސްލާހުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ޝަރީފް ވިދާޅުވީ އެމްއޭސީއެލް ވެގެންދާނީ ތިމާވެއްޓަށް ރައްކާތެރި މަސައްކަތްތަކެއް ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ފޯރަމްގައި ސިވިލް އޭވިއޭޝަން، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅިއެވެ. އަދި ގުރޫޕް ޑިސްކަޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ފޯރަމް މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދިނެވެ.









