އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑާއި އެމެރިކާގެ އެކްޓްރެސް ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި ދެ ތަރިންގެ އާއިލާއާއި ގާތް މަސްދަރަކާއި ހަވާލާދީ "ލައިފް އެންޑް ސްޓައިލް" މެގަޒިންއިން ހާމަކުރި ގޮތުގައި، މި ކައިވެނީގެ ވާހަކަ އާއިލާގެ ތެރޭގައި ދެކެވެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދެ އާއިލާއިން ވެސް މިހާރު މި ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް، ކައިވެނީގެ ތާރީޚާއި ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓޮމް އާއި ޒެންޑަޔާ ފުރަތަމަ ބައްދަލުވީ މާވެލްގެ ސުޕަހީރޯ ފިލްމު "ސްޕައިޑަމޭން" ގައި ކޯ-ސްޓާރުންގެ ގޮތުގައި މަސައްކަތްކުރަން ފެށުމާ ގުޅިގެންނެވެ. އެހެންނަމަވެސް، އެ ދެމީހުން ލޯބީގެ ގޮތުން ގުޅުނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، އޭރު ދެމީހުން ބުނަމުން އައީ އެއީ ހަމައެކަނި ގާތް ރައްޓެހިން ކަމުގައެވެ.
ޓޮމް އާއި ޒެންޑަޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަވީ 2021 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ފަހުން، ދެމީހުން ވެސް ވަނީ އިންސްޓަގްރާމްގައި އެކަކު އަނެކަކަށް ލޯބީގެ މެސެޖުތައް ފޮނުވާ، ފޮޓޯތައް ޕޯސްޓުކޮށްފައެވެ.
"ސްޕައިޑަމޭން" ގެ ތިން ފިލްމުގައި ވެސް ޓޮމްއާ އެކު ޒެންޑަޔާ މަސައްކަތްކުރި އެވެ. މި ދެ ތަރިންގެ ފަންނީ އަދި އަމިއްލަ ގުޅުން ވަރުގަދަވެ، މިހާރު ކައިވެނީގެ މަރުހުހަލާއަށް ވަދެވިފައިވާކަން ފާހަގަކުރެވެއެވެ. މި ހަބަރާއި އެކު ދެތަރިންގެވެސް ފޭނުން ދަނީ ސޯޝަލް މީޑިއާދައި އުފާ ފާޅުކުރަމުންނެވެ.









