އެމްޑީޕީގެ ސަރުކާރުން ވީރާނާކޮށްލި އިގްތިސާދު ރައީސް މުޙައްމަދު މުއިއްޒު ނަގާކޮޅަށް ޖައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސް ގައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން މިހާރުވެސް އިގްތިސާދު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން އެންމެ ފަހުން ޗައިނާއާއެކު ދެ ގައުމުގެ ފައިސާއިން މުޢާމަލާތްކުރެވޭ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އެތެރެ ކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ. ދެގައުމުގެ ރައްޔިތުންނަށް ދެގައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލާއި އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ. ދެގައުމުގެ އިންވެސްޓްމަންޓްތަކަށް ދެގައުމުގައި އެގައުމެއްގެ ފައިސާއިން އިންވެސްޓްކޮށް ހެދޭނެ" ޝުޖާއު ވިދާޅުވިއެވެ
"އަޅުގަނޑުމެން ރައްޔިތުންނަށް އަރުވާ ޔަގީން ކަމަކީ ރައީސް މުއިއްޒު ތިޔަ ލޮބުވެތި ރައްޔިތުން ހެއްވާލަ ދެއްވާނެ ކަމުގެ ޔަގީންކަން. ދިވެހި އިގްތިސާދު ނަގާކޮޅަށް ޖައްސަވާނެ ކަމުގެ ޔަގީންކަން." ޝުޖާއު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ލޯނުތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން، މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް އަރުވާ ޔަގީން ކަމަކީ ރައީސް މުއިއްޒު ތިޔަ ލޮބުވެތި ރައްޔިތުން ހެއްވާލަ ދެއްވާނެ ކަމުގެ ޔަގީންކަން. ދިވެހި އިގްތިސާދު ނަގާކޮޅަށް ޖައްސަވާނެކަމުގެ ޔަގީންކަން." ޝުޖާއު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ރޮނގުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ކުރިއެރުން ލިބިގެންދާނެ ކަމުގެ އުންމީދު ޝުޖާއު ފާޅުކުރެއްވިއެވެ.









