ޗެންނާއީގައި ބޭއްވުނު 4 ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ދިވެހި އެތްލީޓުން ހޯދިކާމިޔާބި އަށް ސާބަހާއި މަރުހަބާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަންނަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ޒުވާން އެތްލީޓުން ބްރޯންޒް ހާސިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަމާއި، ދެއްކި ހުނަރާއި ހިތްވަރަށް ފަޚުރުވެރިވެ ސާބަހާއި މަރުހަބާ ދަންނަވާކަމަށެވެ.

ފޮޓޯ: ރާއްޖޭގެ ފިރިހެން އެތްލީޓުން
މި މުބާރާތުގައި ދިވެހިރާއްޖެއިން ވަނީ 2 ލޯ މެޑެލް ހޯދާފައެވެ. މި މުބާރާތުގައި ދިވެހިރާއްޖެއިން 16 އެތުލީޓުން ބައިވެރިވިއެވެ. ދިވެހިރާއްޖެއިން ހޯދި 2 ލޯ މެޑެލްގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 4x100މ ރިލޭގައި 41.98 ސިކުންތުން އަދި އަންހެނުންގެ 4x100މ ރިލޭގައި 48.04 ސިކުންތުން ހޯދި މެޑެލްތަކެވެ.
މުޅި މުބާރާތުގެ މެޑެލް ވަނަތަކަށް ބަލާއިރު، އިންޑިއާ ވަނީ 48 މެޑެލް (21 ރަން މެޑެލް ހިމެނޭގޮތަށް) ހޯދައިގެން އެންމެ މަތީ ވަނަ ހޯދާފައެވެ. ދެވަނައަށް ސްރީލަންކާ (35 މެޑެލް، 9 ރަން މެޑެލް ހިމެނޭގޮތަށް) އަދި ތިންވަނައަށް ބަންގްލަދޭޝް (3 ލޯ މެޑެލް) ހޯދާފައިވެއެވެ. ދިވެހިރާއްޖެ ވަނީ 2 ލޯ މެޑެލް ހޯދައިގެން ހަތަރުވަނަ ވަނަ ހޯދާފައެވެ.
މީގެ އިތުރުން، މި މުބާރާތުގައި ދިވެހިރާއްޖެއިން ވަނީ 100މ ފިރިހެން ޖޫނިއާ، 100މ އަންހެން ޔޫތު، އަދި 800މ އަންހެން ޖޫނިއާ އިވެންޓްތަކުގައި ޤައުމީ ރެކޯޑުތައް އައުކޮށްފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ބޭއްވުނު 3 މުބާރާތުން ދިވެހިރާއްޖެއަށް ޖުމްލަ 5 މެޑެލް ލިބިފައިވާކަމެވެ.









