ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން އިތުރުކޮށް، ޗައިނާއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް، މި ފަހުމުނާމާއިން ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، ދިވެހި ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަވެގެންދާނެ". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި ގޮތުން، ޗައިނާއާއެކު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައިނަލްއަޤްވާމީ ފެންވަރުގައި މަޤްބޫލުކަން ލިބިފައިވާ އިލެކްޓްރޯނިކް ވޮލެޓްތައް ރާއްޖެއަށް ތަޢާރަފުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދެއެވެ.









