މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށައިފިއެވެ.
2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ޖެހޭއިރު 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައިވަނީ 16,781610.99 ރުފިޔާއެވެ.









