އިޖުތިމާޢީ އަަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނިންމުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވަނީ، މި ނިންމުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ. މި ބަދަލު ގެނައުމުގެ މަޤްޞަދަކީ، މި މަރުކަޒަކީ ދާއިމީ ބޯހިޔާވަހިކަމެއްގެ ބަދަލުގައި ފަރުވާދީ ރިހެބިލިޓޭޓްކުރާ ތަނެއްގެ ގޮތުގައި ހިންގުމުގެ ނިޒާމަށް ބަދަލުގެނައުން ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ.
ގުރައިދޫގައި ހުންނަ މި މަރުކަޒު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 6 ޖޫން 1976 ގައެވެ. މި މަރުކަޒުގެ ބެލުމުގެ ދަށުގައި މިވަގުތު 219 މީހުން ތިބިއިރު، އޭގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.
މި ބަދަލާއެކު، މިހާތަނަށް އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހިންގަމުން އައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިހާރު ހިނގަމުންދާނީ ޞިއްޙީ ވުޒާރާގެ ދަށުންނެވެ. މިއީ މި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެތަނުގައަނުގައި ތިބޭ މީހުންނަށް ދެވޭ ފަރުވާ އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.









