ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އިއުލާނުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަޤީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މި މުހިންމު މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ކެނޑިދާނެތީ، އެކަމަށް ތައްޔާރުވެ ތިބުމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.









