ހއ. ދިއްދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ބިނާގެ މަސައްކަތްތައް ނިންމާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމާއި ރޭނުމުގެ މަސައްކަތަކުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތަށް ތައްޔާރުވުމާއި، ދޮރުގެ ފިންތަކުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން މިސްކިތުގެ މުންނާރުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި އިސްލާމީ މަރުކަޒަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. މި މަރުކަޒުގައި ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕަރޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމުގެ އިތުރުން ޕޭންޓްރީއެއް ހުންނާނެއެވެ.
މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.









