އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރެއްގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެއްގެ މަސައްކަތެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މަސައްކަތްތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާއިރު ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދިނެވެ.









