މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން އުތުރުގެ އިތުރު 5 ރަށެއްގައި ގްރީންހައުސް އެޅުމަށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް 12 ރަށެއްގައި ގްރީންހައުސްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރަށް ގްރީންހައުސް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ކުމުންދޫ، ހދ. ހަނިމާދޫ، ށ. ބިލެއްފަހި، ށ. ކަނޑިތީމު އަދި ށ. ފޭދޫއެވެ.
Advertisement

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށަކަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ މަޤްޞަދަކީ ޒަމާނީ ގޮތަކަށް ދަނޑުވެރިކަން ކުރުމާއި، ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުވުމެވެ.
މިހާރު ގްރީންހައުސްތަކުގައި މައިގަނޑު ގޮތެއްގައި ހައްދަނީ މެލަން އާއި ކިޔުކަންބާއެވެ. އަދި އަލަށް ޓޮމާޓޯ، ކެޕްސިކަމް އަދި ތޮޅިމިރުސް ހެއްދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 224 ދަނޑުވެރިއަކު ވަނީ ތަމްރީނު ކޮށްފައެވެ. އަދި އަލަށް ގްރީންހައުސް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގައި މެލަން އަދި ކިޔުކަންބާ ހައްދާނެ ގޮތުގެ ތަމްރީނު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުޤުވެރިކަން އުފައްދައި، އެކަމަށް އަހުލުވެރިކުރުވުމެވެ.







