އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހުގެ 15 ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާގޮތަށްވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް މިހާރުވެސް ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އިތުރު ޖަމްޢިއްޔާތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާއެކު އެ ވުޒާރާއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްވާފައިވާއިރު، ޙައްޖާ ޢުމްރާއާއި ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާއި ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.









