މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަކިވަކި ރަސްމިއްޔާތުތަކެއްގައި، ހަތް ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
މި ހަތް ޤައުމަކީ އަލްޖީރިއާ، ޑިބުޓީ، އާޒަރުބައިޖާން، ބަލްގޭރިއާ، ވިއެޓްނާމް، ޖޯޖިއާ އަދި ޤަތަރެވެ. އަލްޖީރިއާގެ ފަރާތުން ޑރ. ޢަލީ އަޝޫއީ، ޑިބުޓީގެ ފަރާތުން އިސޭ ޢަބްދުﷲ އަސާވޭ، އާޒަރުބައިޖާންގެ ފަރާތުން އެލްޗިން ނަރީމަނޮގްލް ސޭންލީ، ބަލްގޭރިއާގެ ފަރާތުން ޑރ. ނިކޮލައި ޔަންކޮވް، ވިއެޓްނާމްގެ ފަރާތުން ޓްރިންހް ތީ ޓާމް، ޖޯޖިއާގެ ފަރާތުން ވަކްތަންގ ޖޯޝްވިލި، އަދި ޤަތަރުގެ ފަރާތުން ޖާސިމް ބިން ޖާބިރު ޖ. ބ. އަލް ސުރޫރު ވަނީ އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވާފައެވެ.
މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ ބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.








