ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިއަށްގެންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫޢުތަކުގެ ކުރިއެރުން ބެލުމަށް އެކި މުއައްސަސާތަކާއި ވުޒާރާތަކާ ބައްދަލުކުރަން ފަށައިފިއެވެ.
މި ބައްދަލުވުންތައް ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕްލޭނިންގ ޑިޕާޓްމަންޓުން ބާއްވާ މި ބައްދަލުވުންތަކުގައި، މިހާތަނަށް 10 މުއައްސަސާއަކާ ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބަލައި، މަސައްކަތްތައް އަވަސްކުރުމެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުންތަކުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެ ދަތިތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރެވޭނެއެވެ. އަދި ވަކިވަކި މަޝްރޫޢުތަކުގެ ކުރިއެރުމާއި، އެ މަޝްރޫޢުތަކަށް ކޮށްފައިވާ ހޭދަތައްވެސް ބަލާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، މަޝްރޫޢުތައް އިތުރަށް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ފެށުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުންތަކުގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހޯދަމުން ދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. އަދި 2025 ވަނަ އަހަރު ޕީއެސްއައިޕީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ރޭވިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށެވެ.









