އިގްތިސާދީ ކުރިއެރުމާއި، އާންމު ހިދުމަތްތައް ރަނގަޅުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޑިޖިޓަލް ޓޫލްތަކަށް އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޑިޖިޓަލައިޒޭޝަނަކީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލުގެ ތަޅުދަނޑި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް"ގައި ރައީސް ވަނީ ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކެތްތެރިކަމަށް ޑިޖިޓަލައިޒޭޝަނަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ، ޑިޖިޓަލައިޒޭޝަނަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި، އެއީ އަޅުގަނޑުމެންގެ ގައުމީ ތަސައްވުރުގެ ބިންގާ ކަމުގައެވެ.

އދގެ އިންޓެރިމް ރެސިޑެންޓް ކޯޑިނޭޓަރާއި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި މި އިވެންޓުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ޖިއޮގްރަފިކް ގޮންޖެހުންތަކާ އެކުވެސް، ގައުމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާ ގޮތަަށް އަލިއަޅުވާލައްވައި، އާބާދީގެ %100 އަށް މިހާރު ހައިސްޕީޑް އިންޓަނެޓް ލިބިފައިވާކަން ފާހަގަ ކުރައްވާފައެވެ.
އަދި ޑިޖިޓަލައިޒޭޝަނުން ވެރިކަމުގެ މުސްތަގުބަލު ބައްޓަން ކުރަމުންދާ ގޮތާއި، އީ-ގަވަރނަންސް ފަދަ ކަންކަމުން ކޮރަޕްޝަން މަދުކޮށް، ހިދުމަތް ފޯރުކޮށްދިނުން ރަނގަޅު ކުރުމުގެ ވިސްނުންތައް ރައީސުލް ޖުމްހޫރިއްޔާ ހިއްސާކުރެއްވި އެވެ.
މި ތަގުރީރުގައި ޑިޖިޓަލެ ލިޓެރަސީއާއި، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޕްރައިވެސީ ފަދަ ދުނިޔޭގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމާއި، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ރައްކާތެރިކަމާއި ހަމަހަމަ ބޭނުން ހިފުމަށް ބައިނަލްއަގްވާމީ ބައިވެރިންނާ ގާތުން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.









