ދިވެހި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި، ފާޅުކަން ބޮޑު ގޮތެއްގައި ބަދުއަޚުލާޤީ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ދިވެހިންނާއި ބޭރު މީހުންގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ވިޔަފާރި އުސޫުން ނާޖާއިޒް މަންފާ ހޯދަމުންދިޔަ މައްސަލައަކާއި ގުޅިގެން އެފަދަ ކޮންޓެންޓް ޑިސްޓްރިބިއުޓްކުރާ ޗެނަލްތަކަށް އަމާޒުކޮށްގެން ސައިބަރ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އދ. މަހިބަދޫ، ބަހާރުގެ، ޢުމުރުން 45 އަހަރުގެ ޒުބައިރު ޢަލީއާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ޢުމުރުން 46 އަހަރުގެ ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، ޢުމުރުން 29 އަހަރުގެ އިސްމާޢީލް ރަބީޙް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމީހުންގެ ޓެލެގްރާމް އެކައުންޓްތައް ކުޑަކުދިންގެ ޕޯންގްރަފީ ހިމެނޭ ގޮތަށް ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރާ ޗެނަލްތަކާ ގުޅިގެންނެވެ. އަދި 18 އަހަރުން ދަށުގެ އަންހެނުންގެ 241،000 އަށް ވުރެ ގިނަ ފޮޓޯ އާއި 86،000 ވީޑިއޯ ފެނިފައިވެ އެވެ. މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އިތުރު ތަހުގީގުތައް ކުރިއަށް އެބަދެއެވެ. އަދި އެ ޖަރީމާ ހިންގުމުގައި ބޭނުންކުރި 14 އިލެކްޓްރޯނިކް ޑިވައިސް ވެސް ފުލުހުން ވަނީ އެމީހުންގެ އަތުން އަތުލައިގެންފަ އެވެ.