ފ. މަގޫދޫ ސްކޫލްގެ ޚިދުމަތްތައް ރަނގަޅުކުރަން އެ ރަށު ކައުންސިލުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ނިންމައިފިއެވެ.
ސްކޫލްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މަގޫދޫ ކައުންސިލުން ވަނީ މިދިޔަ ބުދަ ދުވަހު އެ ރަށު ސްކޫލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ މަގޫދޫ ސްކޫލްގެ ކްރާސްރޫމްތަކާއި ސްކޫލްގެ ގޯތި ތެރެއަކީ ދަރިވަރުންނަށް ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށް ކައުންސިލުން އެކި ކަންތައްތައް ރާވާފައިވާކަމަށެވެ. އެގޮތުން ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރުމާއި، ކޮމްޕިއުޓަރ ލެބެއް ހެދުމާއި، ޕާކެއް ހެދުމާއި، ލައިބްރަރީއެއް ހެދުމަށް ނިންމާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
އެ މަސައްކަތްތައް ކުރުމަށް ޖުމްލަ 1,393,000 ރުފިޔާ ޚަރަދުކުރުމަށް މަގޫދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
ވަހީދު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ސްކޫލްގެ ހުރިހާ ތަޢުލީމީ އަދި ކުޅިވަރު ހަރަކާތްތަކުގައި ހުރިހާ އިނާމާއި ތައްޓާއި މެޑަލް އަދި ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޙަފްލާގެ ހުރިހާ އިނާމެއްވެސް ދެނީ ކައުންސިލުންނެވެ. މީގެ އިތުރުން ސްކޫލަށް ގެންނަ ވަގުތީ ޓީޗަރުންގެ ހުރުމާއި ކެއުން އަދި ދަތުރުގެ ހުރިހާ ޚަރަދުތައްވެސް ކައުންސިލުން ދޭކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.






