މިހާތަނަށް 105 އަންހެން ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. މިއީ ސަރުކާރު އައިފަހުން ޑީޕޯޓް ކުރި މީހުންގެ އަދަދެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ޑީޕޯޓް ކުރި އަންހެނުންނަކީ އިންޑިއާ، ބަންގްލަދޭޝް، ވިއެޓްނާމް، ނޭޕާލް އަދި ސްރީލަންކާ އިން ރާއްޖެ އައިސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގައި އުޅުނު ބިދޭސީންނެވެ. އެމީހުން ޑީޕޯޓްކޮށްފައިވަނީ އިމިގްރޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ތަހުގީގު ކުރުމަށްފަހު ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ފޮނުވާލުމުގެ މައްސަލަ ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހަލުވި ދުވެލީގައި މިމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުން ހޯދައި ޑިޕޯޓް ކުރަން،” އޭނާ ވިދާޅުވި އެވެ.
މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ފިރިހެނުން ވެސް ވަނީ ޑީޕޯޓްކޮށްފަ އެވެ. ނަމަވެސް އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިމިގްރޭޝަނުން އިތުރަށް ބުނީ މިމަސައްކަތް ފަރުމާކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް ދަތި ނުވާ ގޮތަށެވެ.









