ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެކުވެރި އަރަބި ޢިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރ ހިޒް ހައިނެސް ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޔޫއޭއީގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް އެޑްރެސްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.
މި ދަތުރުފުޅުގައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާވެސް މިނިސްޓަރ ޒަމީރު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެ ޤައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި، މުވައްޒަފުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު، ސެކްރެޓަރީ ބައިލެޓެރަލް ޑރ ހާލާ ޙަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.









