ޓީވީ ޕްރޮގްރާމްތަކަށް އިސްކަންދޭ ކަންކަން ކަނޑައެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ސާވޭއެއް ފަށައިފި އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާމަކުރެއްވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޓީވީ ޕްރޮގްރާމްތަކަށް އާންމުންގެ އިސްކަންދޭ ގޮތް ތަހުލީލު ކުރުމަށް ބްރޯޑްކާސްޓް އޮޑިއެންސް ސާވޭ ފަށާފަ އެވެ. މި ސާވޭގައި އެންމެ ގިނައިން ބަލާ އަދި މަގުބޫލު ޕްރޮގްރާމްތައް ދެނެގަނެ، ފުރިހަމަ ޗެނަލް ރޭޓިން ލިސްޓެއް އުފެއްދުމަށް އެހީތެރިވެދޭނެ އެވެ.
ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން ކުރިއަށް ގެންދާ މި ސާވޭގެ މަގުސަދަކީ ރީބްރޯޑްކާސްޓިން ނެޓްވޯކްތަކާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ޗެނަލް ބޭނުންކުރާ މިންވަރު ވަޒަންކުރުމެވެ. މިދިޔަ ހަފްތާގައި ފަށާފައިވާ މި ސާވޭ ނިންމުމަށް ވިލާ ކޮލެޖަށް ވަނީ 10 ހަފްތާގެ މުއްދަތެއް ދީފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރުވަނީ ޗެނަލް ރޭޓިން ލިސްޓު އެކުލަވާލުމުގެ އުސޫލެއް އާންމުކޮށްފަ އެވެ. މިހާރު ކުރިޔަށް ގެންދާ ސާވޭއަކީ ޗެނަލް ރޭޓިންގްސްގެ ޞައްޙަކަން އިތުރުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މަރީ ވިދާޅުވިއެވެ.



