ދިވެހިރާއްޖެއިން އދ. ގެ "ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖޫރިސްޑިކްޝަން" (ބީބީއެންޖޭ) މުއާހަދާގައި މިއަދު ސޮއިކޮށްފިއެވެ. މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމެވެ.
އދ. ގެ ނިއުޔޯކް މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މުއާހަދާގައި ސޮއިކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
މި މުއާހަދާގައި ސޮއިކުރުމާ ގުޅިގެން ތިމާވެށީގެ މިނިސްޓަރު ވިދާޅުވީ މިއީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ ރައީސް މުޢިއްޒު ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ދެއްވާ ޚާއްޞަ އިސްނެންގެވުމުގެ ހެއްކެއް ކަމަށެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މުއާހަދާއަކީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށާއި، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ މިފަދަ މުއާހަދާއެއްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި މުއާހަދާގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ 11 ގައި ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މެއި 14 ގައި ވަނީ ހުއްދަ ދެއްވާފައެވެ.









