ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް އަމާޒުކޮށް ދިން ނުރައްކާތެރި ސައިބާ ހަމަލާއެއްގައި، އެ އިދާރާގެ ޒާތީ އަދި ވިޔަފާރިއާ ގުޅޭ ބައެއް މައުލޫމާތުތައް ހުއްދަނެތި ވަގަށް ނަގާފައިވާ ކަމަށް ފީފާއިން ހާމަކޮށްފިއެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެމުން ފީފާގެ ތަރުޖަމާނަކު ވިދާޅުވީ، ޖިނާއީ މި ސައިބާ ހަމަލާގެ ސަބަބުން ވަކި މިންވަރެއްގެ ޒާތީ އަދި ވިޔަފާރީގެ މައުލޫމާތުތަކަކަށް ހުއްދައެއް ނެތި ވަދެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް ޒާތީ މައުލޫމާތުތައް ގަވާއިދާ ޚިލާފަށް ހޯދައި، އެ ތަކެތި އާންމުކުރުމަކީ ޒާތީ މިނިވަންކަމާއި ރައްކާތެރިކަމަށް އަރައިގަތުން ކަމަށް ފާހަގަކޮށް، ފީފާއިން ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފީފާއިން ބުނި ގޮތުގައި މި މައްސަލަ މިހާރު ދަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންނެވެ. ނަމަވެސް، މި ހަމަލާ ދިން ސީދާ ތާރީހެއް، ގެއްލުންވި ފަރާތްތަކުގެ އަދަދެއް އަދި ވަގަށް ނެގި ވިޔަފާރީގެ މައުލޫމާތުތަކުގެ ތަފްސީލެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ. މީގެއިތުރުން، އެއްވެސް މައުލޫމާތެއް އިންޓަނެޓުގައި ޝާއިއުކޮށްފައިވޭތޯ ނުވަތަ ނޫންތޯވެސް ފީފާއިން ސާފުކޮށްދީފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާގައި ފީފާއިން ދޫކޮށްލާފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިޒް" މަޝްރޫއުގެ އެއްވެސް ލިޔެކިޔުމަކަށް ނުފޫޒު ފޯރުވިފައެއް ނުވެއެވެ. މި ހަމަލާގެ އަސަރު ކޮށްފައިވަނީ ފީފާގެ ޖުމްލަ ޑޭޓާގެ 0.1 އިންސައްތައަށް ވުރެ ވެސް ކުޑަ މިންވަރަކަށް ކަމަށާއި ހަމަލާދިން ފަރާތުން ސިސްޓަމަށް ވަދެފައިވަނީ ފީފާގެ މުވައްޒަފެއްގެ ސިފަ ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން، "ހޭންޑްސަމް ބޯއި ހެކިން ކްލަބް" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކުން ވަނީ ފީފާގެ ލިޔެކިޔުންތަކެއް ކަމަށް ބުނާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކޮށްފައެވެ. އަދި އޭގެ ތިން ދުވަސް ފަހުން، ފީފާގެ އެތެރޭގެ 12 ގިގަބައިޓަށް ވުރެ ގިނަ ލިޔެކިޔުން ލީކުވެފައިވާ ކަމަށް ބުނެ ކުރި ޕޯސްޓަކަށް ރައްދު ދެމުން، އެ ގްރޫޕުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައިވާކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައެވެ.
ފީފާއިން މިފަދަ ހަމަލާއަކާ ކުރިމަތިލާން މިޖެހުނީ، އެ އިދާރާގެ ބައެއް ބޮޑެތި ވިޔަފާރީގެ ނިންމުންތަކާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ވޯލްޑް ކަޕް ހިމެނޭހެން މުބާރާތްތައް ހިންގާ އައު ޔުނިޓެއްގެ 20 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން ކުރިން ރޭވި ނަމަވެސް، އާންމުންގެ ފަރާތުން އައި ބޮޑު ނުރުހުމާ ގުޅިގެން އެ ޕްލޭން ދޫކޮށްލާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ ޖުލައި މަހު ބުނެފައެވެ.



