ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން އިންވެސްޓްމެންޓް ގާނޫނު ތަސްދީގު ކުރައްވައިފި އެވެ.
ފޮރިން އިންވެސްޓްމެންޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިއަދު އެވެ. އަދި މިއަދު ވަނީ މި ޤާނޫނު ގެޒެޓްގައި އާންމު ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ އޮގަސްޓް 22 ވަނަ ދުވަހު އެވެ.
މި ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭ ގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތައް ބަޔާންކޮށްފަ އެވެ. އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައްވެސް ބަޔާން ކޮށްފައިވެ އެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.









