ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ރިޔާސީ މަތިންދާބޯޓު ގަތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ކަމަށް ބުނެ އެ ބޯޓު އެމެރިކާއިން ހިފަހައްޓައިފިއެވެ. ޑެސޯ ފެލްކަން 900އީއެކްސް މަތިންދާބޯޓު ޑޮމިނިކަން ރިޕަބްލިކްގައި ވަނިކޮށް އަތުލައި އެމެރިކާގެ އޮފިޝަލުން ވަނީ ފްލޮރިޑާއަށް ގެންގޮސްފައެވެ.
ފޭކް ކުންފުނިތަކުގެ ނަމުގައި ގަތް ކަމަށް ރިޕޯޓްތައް ބުނާ 13 މިލިއަން ޑޮލަރުގެ މި މަތިންދާބޯޓަކީ އެމެރިކާއިން ގަވާއިދާ ހިލާފަށް އެކްސްޕޯޓްކޮށްފައިވާ މަތިންދާބޯޓެއް ކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ވިދާޅުވި އެވެ. މި އަތުލައިގަތީ އިންތިހާބުގައި ހިޔާނާތްތެރިވެ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަށް ތުހުމަތު ކުރެވޭ މަޑޫރޯގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
އަސްލު ސަބަބަކީ ވެނެޒުއެލާގައި އެމެރިކާގެ ގޮނޑި ކޮއްކޮ ސަރުކާރެއް ނެތީމައެވެ. ޖުލައި 28 ވަނަ ދުވަހު ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ދެބަސްވެ، އެގައުމުގެ އިންތިހާބީ އިދާރާތަކުން މަޑޫރޯ ކާމިޔާބު ކުރެއްވި ކަމަށް ކަނޑައެޅުމާ ގުޅިގެން އެމެރިކާއިން ވެނެޒުއެލާގެ އިދިކޮޅު ކޯލިޝަނާއެކު މި ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހަދާފައިވާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވަނީ އިދިކޮޅު ކެންޑިޑޭޓް އެޑްމަންޑޯ ގޮންޒާލޭޒް އަކީ ހަގީގީ ރައީސް ކަމަށް ވިދާޅުވެފައެވެ. ބްލިންކެން ވަނީ މަޑޫރޯ ވަނީ ނަތީޖާ އޮޅުވާލާފައި ކަމަށް ތުހުމަތުކޮށް، އޭނާގެ ވެރިކަމަށް އެމެރިކާއިން ކުރާ ޕްރެޝަރު ކުރިއަށްދާ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.
އެ މަތިންދާބޯޓު އަތުލުމުގެ އޮޕަރޭޝަނަކީ ޑޮމިނިކަން ރިޕަބްލިކް ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މަޑޫރޯގެ ސަރުކާރުން އަދި އެއްޗެއް ނުބުނި ނަމަވެސް ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ބޯޓު އަތުލުމުން ދޭހަވަނީ މަޑޫރޯ ވެނެޒުއެލާ ގޯސްކޮށް ހިންގުމުގެ ސީދާ ނަތީޖާ ކަމަށެވެ.