އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި މިއުޒީޝަން މެކްސް މޮރާންޑޯ، ފަސް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނިކޮށްފި އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ "އެންޓަޓެއިންމަންޓް ޓުނައިޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގްރެމީ އެވޯޑް ތިން ފަހަރަށް ކާމިޔާބުކޮށްފައިވާ އުމުރުން 33 އަހަރުގެ މައިލީ އާއި 28 އަހަރުގެ މެކްސް ކައިވެނިކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ޕާމް ސްޕްރިންގްސްގައި ހުންނަ އަމިއްލަ ގެއެއްގައި ބޭއްވި ޕްރައިވެޓް ހަފުލާއެއްގަ އެވެ.
މި ހާއްސަ ހަފުލާގައި މައިލީގެ މަންމަ ޓިޝް ސައިރަސް އާއި ކޮއްކޮ ނޯއާ ސައިރަސްގެ އިތުރުން، ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ހަފުލާގެ ތެރެއިން މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ހުދުކުލައިގެ ކައިވެނީގެ ހެދުމެއްގައި ހުރި މައިލީ އުފަލުން ގޮސް ލޮލުން ކަރުނަ ފޮހެލާ މަންޒަރާއި، މެކްސް ކަރުދާސްކޮޅެއްގައި ލިޔެފައިވާ އަސަރުގަދަ ވާހަކަތަކެއް ކިޔައިދޭ މަންޒަރު ފެނިގެންދެ އެވެ.
މައިލީ އާއި 'ލީލީ' ބޭންޑުގެ ޑްރަމަރެއްގެ ގޮތުގައި މަސައްކަތްކުރާ މެކްސް އެންމެ ފުރަތަމަ ބައްދަލުވީ 2021 ވަނަ އަހަރު ރަހުމަތްތެރިއެއް މެދުވެރިކޮށް ރޭވި "ބްލައިންޑް ޑޭޓް" އަކުންނެވެ. އެއަށްފަހު، އެ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގޫޗީ ފެޝަން ޝޯއަކުން ދެމީހުން އެކުގައި ފެނުމާއެކު މި ގުޅުމުގެ އަޑުތައް މީޑިއާތަކުގައި ފެތުރެން ފެށިއެވެ. އަދި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ވެސްޓް ހޮލީވުޑުން ދެމީހުން އެކުގައި ފެނިގެންދިޔުމުން މި ގުޅުން ކަށަވަރުވެގެން ދިޔަ އެވެ.
އާންމު ދިރިއުޅުމުގެ ކަންކަން މީޑިއާތަކާ ދުރުގައި، ވަރަށް ސިއްރުން ގެންގުޅޭ މި ޖޯޑު އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނަށް ކުރި ދަތުރެއްގަ އެވެ. އެ ގޮތުން 'އަވަޓާ: ފަޔާ އެންޑް އޭޝް' ފިލްމުގެ ޕްރިމިއާގެ ރެޑް ކާޕެޓުން މި ދެމީހުން އެކުގައި ފެނުނުއިރު، މައިލީގެ ވާތު ކަށި އިނގިލީގައި އަޅާފައިވާ އަގުބޮޑު އަނގޮޓި އެންމެންގެ ސަމާލުކަމަށް އައެވެ. ޖުވެލަރީ އިންފްލުއެންސާ ޖޫލިއާ ޗާފޭ ހާމަކޮށްފައިވާ ގޮތުގައި، ކަސްޓަމްކޮށް ހަދާފައިވާ މި އަނގޮޓީގެ އަގު ގާތްގަނޑަކަށް 150،000 އެމެރިކާ ޑޮލަރަށް އަރަ އެވެ. ފަހުން މައިލީ ވަނީ 'ޕީޕަލް' މަޖައްލާއަށް އޭނާގެ އެންގޭޖްމަންޓް ކަށަވަރުކޮށްދީފަ އެވެ.
މިއީ މައިލީގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނިކުރި ނަމަވެސް، އޭގެ އަށް މަސްދުވަސް ފަހުން، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ކައިވެނި ވަނީ ރޫޅިފަ އެވެ.
ކައިވެނި ހަފުލާގެ އެއްވެސް ވާހަކައެއް ނުވަތަ ފޮޓޯއެއް މައިލީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި އަދި މިހާތަނަށް ހިއްސާކޮށްފައި ނުވި ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ސަޕޯޓަރުން އަންނަނީ މި އުފާވެރި ހަބަރާ ގުޅިގެން އެ ޖޯޑަށް މަރުހަބާ ކިޔަމުންނެވެ.



