މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް މިއުޒިކީ މަސައްކަތުން ބޮޑު ބްރޭކެއް ނަގަން ނިންމައިފިއެވެ. މިކަން އޭނާ އިއުލާން ކުރީ ޖަރުމަނުވިލާތުގެ މިއުނިކް ސިޓީގައި ދިން 10 ޝޯގެ ތެރެއިން އެންމެ ފަހު ޝޯގައެވެ.
އެޑެލް ބުނި ގޮތުގައި، ދިގު މުއްދަތަކަށް ޕަބްލިކް ލައިފުން ދުރުވެ، އެހެން ކަންކަމަށް ވަގުތު ހޭދަކުރުމަށް އޭނާ ބޭނުންވެއެވެ. މީގެ އިތުރުން، އެމެރިކާގެ މަޝްހޫރު ސްޕޯޓްސް އޭޖެންޓް ރިޗް ޕޯލްއާ އެންގޭޖުވެފައިވާ އެޑެލް، އަވަހަށް ކައިވެނިކުރާނެ ކަމަށް ބެލެވެއެވެ.
އެޑެލްގެ އެންމެ ފަހުގެ އަލްބަމް "ތާޓީ" 2021 ވަނަ އަހަރު ނެރުނު އިރު، އެ އަލްބަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މިއުޒިކީ މައިދާނުގައި އެޑެލްގެ ކާމިޔާބީ އިންތިހާއަށް ދިޔަ ނަމަވެސް، މިހާރު އޭނާ ނިންމާފައިވަނީ އަމިއްލަ ދިރިއުޅުމަށް އިސްކަން ދިނުމަށެވެ.
މި ނިންމުމާ ގުޅިގެން އެޑެލްގެ ގިނަ ފޭނުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަނެއްބައި ފޭނުން އޭނާގެ ނިންމުމަށް އެއްބާރުލުން ދެމުންދެއެވެ. އެޑެލް މިއުޒިކީ މައިދާނަށް އަނބުރާ އައުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.









