ސަލްމާން ރަސްގެފާނު މިސްކިތުގައި "މަޤާމަތުލް ޤުރްއާނިއްޔާ" ނަމުގައި ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު، ރޭގަނޑު 8:00 އިން 9:00 އަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ 10 އަހަރުން މަތީގެ ފިރިހެން ކުދިންނަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމެއް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ބާއްވާ މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީކޮށް، ޅަފަތުގައި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ގިނަ ކުދިންތަކެއް ޤުރުއާން ކިޔެވުމުގެ ރޮނގުން ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.