ރަސްމީ ދަތުރުފުޅެއްގައި އެކުވެރި އަރަބި އިމާރާތަށް (ޔޫއޭއީ)ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެެވެ.
މި ދަތުރުފުޅުގައި ވަޒީރު ޒަމީރު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރާއި އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
ވަޒީރު ޒަމީރުގެ އަރިހުގައި މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް-ލާޖް، ސެކްރެޓަރީ، އަދި ޖޮއިންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރެވިގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.









