ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން ރަޝީދު އޭނާގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސްއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ސަފީރަށް މަރުހަބާ އާއި ތަހުނިޔާ ދެންނަވާފައިވެއެވެ. އަދި ސަފީރު ވަނީ ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމުދު މުއިއްޒުގެ ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސްއަށް ފޯރުކޮށްދެއްވާފައިވެއެވެ.
ސަފީރު ޝިއުނީން ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެެވެ. އެގޮތުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 1978 ވަނަ އަހަރުއެވެ.
ޝިއުނީންއަކީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ. މި ފަތްކޮޅު އެރުވުމާއެކު، ޝިއުނީން ރަސްމީކޮށް ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމު ފުރުއްވަން ފެއްޓަވާފައިވެއެވެ.









