
މިދިޔަ އަހަރުގެ އޮގަސްޓުމަހުގައި މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޢަލީ ސާހިލް ، އަމިއްލައަށް ކޯޓުގައި ޖަވާބުދާރީވާން ނިންމައިފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނެފައިވަނީ، ސާހިލް ވަކީލެއްގެ އެހީ ބޭނުން ނުވާކަމަށް ބުނެފައިވާތީ، އޭނާ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާ ގޮތަށް ޝަރީއަތް ކުރިއަށްދާނެ ކަމަށެވެ.
ސާހިލްގެ މައްޗަށް 5 ދައުވާއެއް އުފުލާފައިވާއިރު، މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ސިއްރުކޮށެވެ. ކޯޓުން އިތުރަށް ބުނެފައިވަނީ، މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ސާހިލްއާ ހަވާލުކުރުމަށް އަންގާފައިވާ ކަމަށާއި، ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެފައިވާ ލިޔުންތައް ކޯޓުގައި ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިތުރަށް ހާމަކޮށްފައިވަނީ، ދެން އޮންނަ އަޑުއެހުމުގައި ސާހިލްގެ މައްޗަށް ދައުވާ އިއްވައި، ޖަވާބުދާރީވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. މިހާތަނަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވިފައި ނުވާއިރު، ކުރިން ސާހިލް ކޯޓުގައި ވާހަކަދައްކަން އިންކާރުކޮށްފައިވެއެވެ.
ކޯޓުން ނިންމާފައިވަނީ ސާހިލްއަށް ދައުވާއަށް ޖަވާބުދާރީވުމުގެ ޤާބިލުކަން ހުރި ކަމަށެވެ. ދައުލަތުގެ ޚަރަދުގައި ސާހިލްއަށް ދެފަހަރު ވަކީލުން ހަމަޖައްސައިދީފައިވީ ނަމަވެސް، ސާހިލް ވަކީލުންނަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން، އިތުރަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަނުޖެއްސުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.









