މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އަތުހަރު ދޫނިދޫ ޖަލުގައި މިރޭ ދަންޖެހި އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ކުލީގެ މައްސަލައެއްގައި އަމިއްލަ ލޯބިވެރިޔާ ރަހީނުކުރި، ށ. މިލަންދޫ/ހެޕީ ލޭންޑް، އާދަމް އަތުހަރު (32އ)، ދޫނިދޫ ޖަލުގައި ދަންޖެހި މަރުވާން އުޅުމުގެ ތެރޭގައި އޭނާ ސަލާމަތްކޮށް މިވަގުތު ދަނީ އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
އަހްމަދު ޝިފާން ވިދާޅުވީ އަތުހަރު ދަންޖެހެން އުޅުނު މައްސަލައާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެން.އައި.ސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ޗީ.އެމް) ގެ ޓީމެއް މިވަގުތު ދޫނިދޫގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އަންހެނަކު ރަހީނުކުރި ކަމުގެ މައްސަލައެއް ބުރާސްފަތި ދުވަހުގެ ރޭ ރިޕޯޓު ކޮށްފައިވަނީ އެ އިމާރާތުގައި ދިރިއުޅޭ އެހެން މީހެކެވެ. އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ގެއަށް ދިޔުމުން އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސާ ބިރުދައްކާފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ހުށިޔާރުކަމާއެކު ބާރުގެ ބޭނުންކޮށް އަންހެން މީހާ ސަލާމަތްކޮށް އަތުހަރު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.









