ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ދިރިއުޅެވޭނެ ތަންތަން ގަނެވޭނެ އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ، ޑޮލަރު އިތުރުވާނެއެވެ. އަދި މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް މިއީ. މިކަމުން ކުރިއެރުންތަކެއް ލިބިފައި އެބަ ހުރި. ދުނިޔޭގެ އެންމެ ފުންނާބު އުސް ބައެއް ކުންފުނިތަކާ އެކު މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރ ވިދާޅުވި އެެވެ.
މީގެ އިތުރުން، މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓްކުރާ ފަރާތްތަކާއެކު މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ހަމަ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ ބޭރުގެ ފަންނީ ފަރާތްތަކުގެ މަޝްވަރާއާއެކު ރާއްޖެއަށް ގުޅޭގޮތަށް މި ޕްރޮގްރާމު ތައްޔާރުކުރެވެމުންދާ ކަމަށެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް އަމާޒުކޮށްގެން ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅުމުގެ ހުއްދަ ލިބޭނެއެވެ.









