ސްޓެލްކޯގެ ނަމުގައި ބަޔަކު ކުރަމުން ގެންދާ ސްކޭމް ކޯލްގެ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ.
މި މައްސަލައަށް އަލިއަޅުވާލައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސްޓެލްކޯގެ ނަމުގައި ކުރަމުން ގެންދާ ފޯން ކޯލް ތަކުން ދޭ މައުލޫމާތުތަކަކީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށާއި ކޯލް ތަކަށް ކަސްޓަމަރުން ސަމާލުވުމަށެވެ.
އެގޮތުން ފަހުމީ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ސްޓެލްކޯއިން އެއްވެސް އިރެއްގައި އާންމުންގެ ޒާތީ މައުލޫމާތު ނުނަގާނެ ކަމަށާއި، މިފަދަ ކޯލްއެއް އަތުވެއްޖެނަމަ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކޮށް ފޯނު ކަނޑާލަން އެދިފައެވެ.
އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެއީ ސައްހަ ކޯލެއްކަން ހަށަވަރު ކުރުމަށް ސްޓެލްކޯއަށް ގުޅުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
މައުލޫމާތު ސާފުކުރުމަށް ސްޓެލްކޯއަށް ގުޅާނެ ހޮޓްލައިން ނަންބަރަކީ 1545 އެވެ.
މިހާރަކަށް އައިސް އެކި ކުންފުނި ތަކުގެ ނަމުގައި ސްކޭމް ކޯލްތަށް ކުރުން ވަނީ އާންމުވެފައެވެ.









