ޔަމަނުގެ ވަގުތީ ވެރިރަށް އަދަނުގައި ހުންނަ އަލް-މަޢާޝީޤް ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް، ބޮޑުވަޒީރު ޑރ. ޝާއިޢު އަލް-ޒިންދާނީ އަވަހާރަކޮށްލުމަށް ހޫޘީ ޖަމާޢަތުން ނުރައްކާތެރި މިސައިލް ޙަމަލާތަކެއް މިރޭ ދީފިއެވެ. ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު މުޢައްމަރު އަލް-އިރްޔާނީ ވިދާޅުވި ގޮތުގައި، އީރާނުގެ ތާއީދުލިބޭ ހޫޘީ މިލިޝިއާއިން ގަނޑުވަރުގެ ކޮމްޕްލެކްސްއަށް އަމާޒުކޮށް ފަސް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވެއެވެ.
މި ޙަމަލާ ދިން ވަގުތަކީ ބޮޑުވަޒީރާއި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން ގަނޑުވަރުގެ ތެރޭގައި ތިއްބެވި ވަގުތެއް ނަމަވެސް، ބޮޑުވަޒީރާއި އެއްވެސް މިނިސްޓަރަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
މި ފިނޑި ޙަމަލާގައި ބޮޑުވަޒީރުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ.
ޔަމަނު ސަރުކާރުގެ އަސްކަރީ މަޞްދަރުތަކުން މައުލޫމާތުދޭ ގޮތުގައި މި ޙަމަލާގައި ޖުމްލަ ހަތަރު މީހުން މަރުވެ، އިތުރު 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.




