ޔަމަނުގެ ޙޫޘީންގެ މުހިއްމު ބިންގަރާސްތައް ފުނޑާލައިފި ކަމަށް އަރަބި ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުގެ ވައިގެ ބާރުތަކުން ވަނީ ޔަމަނުގެ ވެރިރަށް ސަންޢާގައި ހޫޘީންގެ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އެންމެ ބޮޑު އެއް މަރުކަޒު ކަމަށްވާ "އަލްޞަބާޙާ" މަރުކަޒީ ތެޔޮސްޓޭޝަނަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފައެވެ. އަލްޞަބާޙާ މަރުކަޒަކީ ހޫޘީންގެ އަސްކަރީ އުޅަނދުތަކަށާއި މެޝިނަރީތަކަށް ބޭނުންވާ ތެޔޮ ރައްކާކޮށް ބަހައި އުޅޭ މައި ހަބެވެ. ކޯލިޝަނުގެ ޕްރެސިޝަން ގައިޑަޑް މިސައިލްތަކުން ދިން މި ހަމަލާގައި އެ ސައިޓް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައި ކަމަށް ސައޫދީ ކޯލިޝަންގެ މަސްދަރުތަކުން ބުނެއެވެ.
ޢަރަނި ކޯލިޝަނުން ބުނީ އަލްޞަބާޙާ ސަރަހައްދުގެ ބިމުގެ އަޑީގައި ހޫޘީން ސިއްރުން ހަދާފައިވާ ބޮޑެތި ތެޔޮ ގުދަންތައް ހޯދައި، އެތަންތަންވެސް ގޮއްވާލާފައިވާ ކަމަށެވެ. މި ބިމުގެ އަޑީގެ ގުދަންތަކަކީ ހޫޘީން ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށާއި، ދިގު މުއްދަތަކަށް ހަނގުރާމަ ދެމެހެއްޓުމަށްޓަކައި ސިއްރުން ތެޔޮ ފޮރުވާފައި ހުރި ތަންތަނެވެ. ކޯލިޝަނުން ބުނިގޮތުގައި، މި ތަންތަން ގޮވުމުގެ ސަބަބުން ސަންޢާގެ ހުޅަނގު ބޭރުން ބޮޑެތި ގޮވުންތަކެއްގެ އަޑުއިވި، ދުންތައް ވަނީ މުޅި ހިސާބަށް ފެތުރިފައެވެ.
ހަމަލާ ދިނުމުގެ ސީދާ ކުރިން، އަރަބި ކޯލިޝަނުގެ ތަރުޖަމާނު ވަނީ ސަންޢާގެ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށާއި އެތަނުގެ މުވައްޒަފުންނަށް އެ ސަރަހައްދުން ވަގުތުން ދުރުވުމަށް ކުއްލި އިލްތިމާސެއް ނެރެފައެވެ. ކޯލިޝަނުން އެތަނުގެ ޗާޓާއި ލޮކޭޝަން އާންމުކޮށް، ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެންގުމަށްފަހު ހަމަލާ ދިނުމުން، ހޫޘީން އާންމުން އައްޑަނައަކަށް ބޭނުންކުރަން ހެދި ރޭވުން ވަނީ ނާކާމިޔާބުވެފައި ކަމަށް ވެސް ކޯލިޝަނުގެ ބައިވެރީން ބުނެއެވެ.



