ސައުދީ އަރަބިއްޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން، ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސައުދީ އެއަރލައިންސްގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދުއެވެ.
ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ބެލިސްޓިކް މިސައިލް ހަމަލާ ސީދާ އެރީ އުމްރާވެރިންނާއި އެހެނިހެން ފަސިންޖަރުން ފުރަންވެގެން ޓާމިނަލް 3 އަދި 4 ގެ ގޭޓުތައް ކައިރީގައި ބޯޓަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ. ސައޫދީގެ ވައިގެ ދިފާއީ ނިޒާމުން ކުރިއާލައި އިންޒާރެއް ނުވަތަ ސައިރަނެއްގެ އަޑެއް ނުގޮވައި ކުއްލިއަކަށް ދިން މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލްގެ ބައެއް ވެއްޓި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު ރައްޔިތުންގެ އިތުރުން އެމެރިކާ، ބަންގްލަދޭޝް، އިންޑިއާ، ޖޯޑަން، ފަލަސްތީން، ސީރިޔާ، ސޫދާން އަދި މިޞްރުގެ ރައްޔިތުން ހިމެނޭއިރު، މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ސައޫދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
މި ބޮޑު ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ރިޔާޟްގެ ފްލައިޓްތައް ސަސްޕެންޑްކޮށް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނުއިރު، އިއްޔެ ވެސް ހޫޘީން ވަނީ އަލުން އެ އެއާޕޯޓަށާއި ދައްމާމްގެ ކިންގް ފަހުދު އެއާޕޯޓަށް އިތުރު ހަމަލާތަކެއްދީ، މައްކާ އަދި މަދީނާ ފިޔަވައި ސައޫދީގެ ހުރިހާ އެއާޕޯޓުތަކަކީ ހަމަލާގެ އަމާޒުތަކެއް ކަމަށް ބުނެ ބައިނަލްއަގުވާމީ އެއާލައިންތަކަށް އިންޒާރު ނެރެފައެވެ.
މި ސަސްޕެންޝަންގެ ސަބަބުން ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރަން ތިބި ގިނަ އަދަދެއްގެ މީހުންނަށް ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ސައުދީ އެއަރލައިންސް އިން ބުނެފައިވަނީ، މި މުއްދަތުގައި ރިޔާޟް އެއަރޕޯޓުން އޮޕަރޭޓްކުރާ ހުރިހާ ދަތުރުތައް ހުއްޓާލާފައިވާނެ ކަމަށާއި، ދަތުރުފަތުރުގެ ހާލަތު ބަދަލުވާ ގޮތަކަށް އާންމުންނަށް މައުލޫމާތު ދެމުންދާނެ ކަމަށެވެ.
ޙޫޘީން ދިން ހަމަލާތަކާއި ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.



