ޔަމަނުގެ ވަގުތީ ވެރިރަށް އަދަންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް, ހޫޘީ ހަނގުރާމަވެރިން ބަލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާ, އެ ޤައުމުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޔަމަނުގެ ހިއުމަން ރައިޓްސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ އާންމުންނާއި އާންމު ޚިދުމަތްތައްދޭ ބިނާތަކަށް އަމާޒުކޮށް ދީފައިވާ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޖަރީމާއެއް ކަމަށެވެ.
މި ހަމަލާ އަމާޒުވެފައިވަނީ މިޞްރުގެ ޤާހިރާއިން ފުރައިގެން އައި "ޔަމަނިޔާ އެއާވޭސް" ގެ މަދަނީ ފްލައިޓެއް އަދަން އެއާޕޯޓުގެ ރަންވޭއަށް ޖައްސަން މަދު މިނެޓްކޮޅަކަށް ވެފައި ވަނިކޮށެވެ. މި ހަމަލާގެ ސަބަބުން އެ ބޯޓު ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މިސްރާބު ބަދަލުކޮށްފައެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް, އެއާޕޯޓުގައި ސައުދީގެ ޖިއްދާއަށް ފުރަން ތައްޔާރުވެފައި ތިބި ގިނަ އަދަދެއްގެ ފަސިންޖަރުންގެ ފުރާނައަށް މިކަމުގެ ސަބަބުން ނުރައްކާވި ކަމަށް ޔަމަނު ސަރުކާރުން ހާމަކުރެއެވެ.
މި ހަމަލާ ދީފައިވަނީ ޔަމަނުގެ ސަރުކާރު ފައުޖުތަކުން ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް މިނިވަންކުރުމަށް "ޑޯން އޮފް ޔަމަން" ގެ ނަމުގައި ބޮޑު އަސްކަރީ ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ހޫޘީންގެ މި އަމަލަކީ ސުލްޙައަށް އެމީހުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެ, ޔަމަނުގެ ސަރުކާރުން ވަނީ ހޫޘީންގެ މިފަދަ ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށާއި އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.



