ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް އަމާޒުކޮށް ދިން ވަރުގަދަ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި ތިން މީހަކު ޒަހަމްވެ، އެއާޕޯޓްތަކުގެ އިމާރާތްތަކަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ވެއްޖެއެވެ. ސައުދީ-ޔަމަން ބޯޑަރު ކައިރީގައި އޮންނަ ޖާޒާންގެ ކިންގް އަބްދުﷲ ބިން އަބްދުލްއަޒީޒް އެއާޕޯޓަށާއި ނަޖްރާން އެއާޕޯޓަށް އަމާޒުވި މި ހަމަލާތަކުގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އެއާޕޯޓްތަކުގެ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ހާމަކުރި ގޮތުގައި، މިއީ ސައުދީން އިސްވެ ޔަމަނުގެ ސަންޢާ އަދި ސަޢްދާ ސަރަހައްދަށް ދެމުންދާ ވައިގެ ބާރުގަދަ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މީގެ އިތުރުން، ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، އަބްހާ އެއާޕޯޓުގެ އިތުރުން އަރާމްކޯގެ ތެޔޮ ރިފައިނަރީއަށް ހަމަލާދިން ކަމަށް ހޫތީން ބުނެއެވެ. ހޫތީން ވަނީ މައްކާ އާއި މަދީނާ ފިޔަވައި ސައުދީގެ އެހެން ވައިގެ ސަރަހައްދުތައް ބޭނުންނުކުރުމަށް ބައިނަލްއަގުވާމީ އެއާލައިންތަކަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ.