ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ އަސްކަރިއްޔާއިން ހޫޘީ ހަނގުރާމަވެރިންގެ އެކި މަރުކަޒުތަކަށް އަމާޒުކޮށް 1،122 ހަމަލާއެއް ދީފައިވާ ކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސަރަޙައްދީ މަސްރަޙު އިތުރަށް ހޫނުވެ، ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މަސްދަރުތައް ބުނާ ގޮތުގައި ޔަމަނު ސަރުކާރުގެ ފައުޖުތަކުން މި ހަމަލާތައް ދީފައިވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށާއި، އެ ޖަމާޢަތުގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށެވެ.
ޔަމަނުގެ ސަރުކާރުގެ އަސްކަރީ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ހަމަލާތަކަކީ ހޫޘީ ހަނގުރާމަވެރިން ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި، އެ ޖަމާޢަތުގެ އަސްކަރީ ޤާބިލުކަން ކުޑަކުރުމުގެ މަޤްޞަދުގައި ދީފައިވާ ވަރުގަދަ ރައްދު ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ހޫޘީންގެ ގިނަ އަދަދެއްގެ ހަތިޔާރާއި އަސްކަރީ އުޅަނދުތައް ހަލާކުކޮށްލެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެތައް އަހަރެއް ވެފައިވާއިރު، އެ ޤައުމުގެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ. ނަމަވެސް، ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއެކު، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ކުރިމަތިލުންތައް އަނެއްކާވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



