އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް އެރިފަހުން މިއަދާއި ހަމަޔަށް ދުވާލަކު 437 މުސްލިމުންނަށް ހަމަލާދޭކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަލަސްތީނު އޮތޯރިޓީން ބުނީ ހަނގުރާމައަށް 330 ދުވަސްވީއިރު މިހާތަނަށް 40 ހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 300 އާއި ގާތްކުރާ އަދަދަކަށް ހާނީއްކަވާ ޣައްޒާ ރައްޔިތުން ތިބޭ ކަމަށެވެ. އޭގެތެރޭގައި ސްނައިޕަރުން އަމާޒުކޮށް ސީދާ ބޮލަށް ބަޑި ޖަހާފައިވާ ކުޑަކުދިންނާއިއަންހެނުންގެ އިތުރުން ބޮން ގޮއްވައި އިމާރާތްތައް ފުނޑުފުނޑުވުމުގެ ސަބަބުން އެތަންތާގެ ދަށުގައި ތިބި މީހުންނާއި އަދި ވަކިން ޓާގެޓްކޮށް ގޮއްވާލާފައިވާ ބޮންތަކުން ޝަހީދުވި މީހުން ހިމެނެއެވެ. އިމާރާތްތަކުގެ ދަށުގައި ނުނެގި ތިބި މީހުން ނުހިމަނައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 120 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
މިވަގުތު ވަގުތީ ގޮތުން ޣައްޒާގެ ދެކުނުގައި ހަމަލާ ދިނުން މަޑުޖައްސާފައިވާއިރު އިސްރާއީލުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,602އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,855އަށް އުފުލިފައެވެ.









